މ. މުލި-ނާލާފުށި ކޯޒްވޭ މަޝްރޫޢުގެ އަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
އެމަނިކުފާނު މި މަޝްރޫއު ފައްޓަވައިދެއްވީ މިއަދު މުލީގައި އެކަމަށްޓަކައި ހާއްސަކޮށް ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.
މުލި – ނާލާފުށި ކޯޒްވޭ ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.
މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 600 ދުވަސް ތެރޭގައެވެ.
މުލި-ނާލާފުށި ކޯޒްވޭ އަކީ 565 މީޓަރުގެ ކޯޒްވޭއެކެވެ.
މި މަޝްރޫއު ނިމެގެންދާއިރު މަގު ހެދުމާއި، ތާރު އެޅުމާއި، މަގު ބައްތި ޖެހުމުގެ އިތުރުން 112 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 15 މީޓަރުގެ ގްރޮއިން ޖެހުންވެސް ހިމެނެއެވެ.
މުލި އަދި ނާލާފުށި ގުޅާލުމުން މަރުކަޒީކޮށް ހިދުމަތްތައްދީ، ވަސީލަތްތައް ހިއްސާ ކުރުމަށް ފަސޭހަވެގެންދާނެއެވެ.
އަދި މީގެސަބަބުން ދެރަށް އެއްކޮށް އިގްތިސާދީ ގޮތުން ކުރިއެރުވުމަށްވެސް ފަސޭހަވެގެންދާނެއެވެ.
މީގެ އިތުރުން ދެ ރަށުގެ އިޖުތިމާއީ ގުޅުން ބަދަހިވެ، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްވެސް ފަސޭހަވެގެންދާނެއެވެ.

