ފީނަން ގޮސް އުޅެނިކޮށް، ލޯންޗެއްގައި ޖެހި، މީހެއްގެ އަތް ބުރިވެއްޖެއެވެ.
ފުލުހުން ބުނީ ނ.އަތޮޅުގައި ހިންގާ ރިސޯޓެއްގެ ނެރު ކައިރީގައި މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ފީނަން އުޅެނިކޮށް ލޯންޗަކުން ޖެހި، މީހެއްގެ އަތް ބުރިވިއިރު، އެ މީހާގެ އަތް އަދިވެސް ނުފެންނަ ކަމަށެވެ.
މި ހާދިސާގައި އަތް ބުރިވެފައި ވަނީ ބަންގްލަދޭޝްގެ މީހެއްގެ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހާދިސާ ހިނގި ސަރަހައްދު ދެ ފަހަރެއްގެ މަތިން ބަލައި ފާސްކުރި ނަމަވެސް އަނިޔާ ލިބުނު މީހާގެ ބުރިވި އަތް ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ ތަހުގީގުގައި އެ ލޯންޗުގެ ކެޕްޓަން ހިމެނޭހެން ގިނަ އަދަދެއްގެ މީހުންނާ ސުވާލުކޮށް ބަޔާން ނަގައިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށާއި ހެއްކަށް ބަލައި މިހާތަނަށް ފިޔަވަޅެއް އަޅައިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
”ނަމަވެސް ތަހުގީގުގެ ފުރިހަމަ ކުރަން ޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރުމަށް ފަހު ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ،“ ފުލުހުން ބުންޏެވެ.
އެ މީހާއަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

