ގައުމު އިސްކޮށްގެން، ރައްޔިތުންނަށް ހެވާއި ލާބަ އެދިގެން މިހާތަނަށް ސަރުކާރުތަކުން، ދުންފަތުގެ މައްސަލަތައް ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގެ ސިޔާސީ ވިސްނުމެއް ގެންގުޅެފައިނުވާކަމަށާއި، އެހެންނަމަވެސް، އެމަނިކުފާނަށް މުހިންމީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހަގީގީ ހައްލު ހޯދުން ކަމަށާއި، އެކަމަށް މިސަރުކާރުގެ ޕޮލިޓިކަލް ވިލް އޮންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގައި ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިއަދު ތަސްދީގު ކުރެއްވި އިސްލާހުގެ ދަށުން، 1 ޖެނުއަރީ 2007 އިން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާވެގެން ދިޔުމުގެ އިތުރަށް، ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް، ރާއްޖެ އެތެރެކުރުމާ ގެންގުޅުން މަނާކުރެވޭނެއެވެ.
އަދި، އެފަދަ ބާވަތްތައް އިސްތިހާރުކުރުމާއި ޕްރޮމޯޓްކުރުން މަނާކުރުމުގެ އިތުރަށް، އެފަދަ ތަކެތި އަތުލުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިދީފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު އަމާޒަކީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހަގީގީ ހައްލުތަކެއް ހޯދައިދިނުން ކަމަށާއި މިފަދަ ނޭދެވޭ ކަންކަމުން ދުރުވެގަތުމަކީ، ގައުމުގެ މުސްތަގުބަލައްޓަކާ ކުރެވޭ މުހިންމު ބޮޑު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި، މިފަދަ މަސައްކަތްތަކަކީ އެންމެން ބަލައިގަންނަ، އެންމެންނަށްޓަކައި ކުރެވޭ ކަމެއްގެ ގޮތުގައި ދެށުމަށް ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވިއެވެ.
ރައީސް ވިދާޅުވީ، މިފަދަ ހައްސާސް މައްސަލަތަކަށް ހައްލު ހޯދުމަށް މި ސަރުކާރުގެ ޕޮލިޓިކަލް ވިލް އޮތް ކަމަށާއި، މި އިސްލާހު ތަންފީޒުކުރުމުގައި މުޅި މުޖުތަމައު ބައިވެރިވާނަމަ، ގައުމުގެ މުސްތަގުބަލު ސަލާމަތްކުރެވޭނެ ކަމުގެ ޔަގީންކަން އޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ގައުމުގެ ކުރިމަގާއި ޒުވާނުންގެ ކުރިމަގު ބައްޓަންކޮށް، ތަރައްގީގެ އަމާޒު ކަށަވަރުކުރުމުގައި މިބިލަކީ އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމުގައި ވެގެންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ޖެނެރޭޝަނަލް ބޭނެއްގެ އިތުރުން، ދުންފަތުން ދުރުވުމަށް ކުރެވޭ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ.
އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓޮބޭކޯ ސިޒޭޝަންގެ ޚިދުމަތްތައް ފެށި، އާންމުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ހިނގޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި، ގާނޫނު ތަންފީޒުކުރުމުގައި އަމާޒަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން ނޫންކަމަށާއި، އަމާޒަކީ ދުންފަތުގެ ނުރައްކަލުން ދިވެހި ގައުމު މުޅީން ސަލާމަތްކޮށް، މަސްތުވާތަކެއްޗާ އެނޫންވެސް ނޭއްގާނީ އާދަތަކާ ދުރުހެލި، ދުޅަހެޔޮ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރެއްވުމާއެކު، މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވައިފައެވެ.
މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާނީ، 1 ނޮވެންބަރު 2025 އިން ފެށިގެންނެވެ.

