ފުލުހުންނާއި ނޫސްވެރިންނާ މެދު ގުޅުން ބަދަހި ކުރުމަށް ”ޕޮލިސް މީޑިއާ ރިސެޕްޝަން 2025“ ބާއްވައިފިއެވެ.
އިސްކަންދަރު ބިލްޑިންގގައި ރޭ ބޭއްވި މި ހަފުލާއަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންގެ އިސްނެންގެވުމަށް ބޭއްވި ހަފުލާއެއް ކަމަށް ފުލުހުން ބުނެއެވެ.
މި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ނަވީން ވިދާޅުވީ، މިއީ ރައްޔިތުންނަށް އަމާން މާހައުލެއް ގާއިމުކޮށްދިނުމާއި މީޑިއާއާއި ފުލުހުންނާ އެކުގައި މަސައްކަތްކުރެވިދާނެ ރޫހު ކުރިއަށްވުރެ ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ހަފުލާއެއް ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އަދި މިއީ ފެށުމެއް ކަމަށް ބަލައިގެން ކުރިއަށް އޮތްތަނުގައި ގުޅިގެން މަސައްކަތްކޮށް، ރައްޔިތުންނާ ހަމައަށް ތެދުވެރިކަމާއި ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ގެނެސްދެވޭނެ ފަދަ މާހައުލެއް ގާއިމުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އަދި އިހުތިރާމާއެކު މުއާމަލާތުކުރުމަށާއި ދެ ފަރާތުން ވެސް އެ އިހުތިރާމު ދެމެހެއްޓުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ސެކްރެޓަރީ އަޙްމަދު ނާއިފް މި ހަފުލާގައި ދެއްކެވި ވާހަކަފުޅުގައި، ނޫސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވިއެވެ.
އަދި ފުލުހުންނާއި ނޫސްވެރިންގެ މެދުގައި އޮންނަ ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރުމަށާއި ފުލުހުންގެ ފަރާތުން ނޫސްވެރިން ބޭނުންވާ މައުލޫމާތު އަވަސް މިނެއްގައި ފޯރުކޮށްދިނުމަށް އެދިލެއްވިއެވެ.

