ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް ”ވާނުވާ ބަންދު“ ގައި ތިބި މީހުން ޓެގް އަޅުވައި ދޫކުރުމުގެ މަސައްކަތް މިއަދު ފަށަން ނިންމައިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

އެ އޮފީހުން މިކަން ހާމަ ކުރީ، މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނީ، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން, އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން އަދި ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ބަންދަށް ލުއި ދެވިދާނެ ކަމަށް ފެންނަ މީހުންގެ ބަންދު މުރާޖައާކޮށް، ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދުން ފެށިގެން ކުރިއަށް ގެންދިއުމަށް އެ އޮފީހުން ނިންމައިފައިވާ ކަމަށެވެ.

އެގޮތުން ވާނުވާ ޖަހައިފައިވާ މީހެއްގެ ބަންދަށް ލުއި ދިނުމުގެ ކުރިން އެ މީހެއްގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަންނާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ މީހުން މޮނިޓާ ކުރެވޭނެ ގޮތަށް ޝަރުތުތަކަކާ އެކު މުޖުތަމައު ތެރެއަށް ދޫކޮށްލައިފި ނަމަ، އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ފުލުހުންނާއި ކަރެކްޝަންސް މެދުވެރިކޮށް ހާއްސަ އެސެސްމަންޓެއް ތައްޔާރުކުރާނެ ކަމަށް ވެސް ޕީޖީން ބުންޏެވެ.

އެ އެސެސްމަންޓު ތައްޔާރުކުރާނީ ޕީޖީ އޮފީހުގެ އެންގުމަށް ފުލުހުންނެވެ. އެސެސްމެންޓުގައި ބަންދަށް ލުއި ދެވޭ މީހުން މޮނިޓަކުރުމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާންކުރަން ވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީން އިތުރަށް ބުނީ އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދެވޭނީ ފުލުހުން ފޮނުވާ އެސެސްމަންޓް އެ އޮފީހަށް ލިބުމުން، އޭގައިވާ ކަންކަމަށް ރިއާޔަތްކޮށް ބަންދަށް ލުއި ދެވޭނެ ކަމަށް އެ އޮފީހަށް ފެންނަނަމަ ކަމަށެވެ.

އެއަށް ފަހު ބަންދަށް ލުއި ދޭން ކޯޓަށް ހުށަހަޅާނެ ކަމަށާއި، ލުއި ދެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، ގިނަވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތުތަކެއްގެ ގޮތުގައެވެ.

އެ މުއްދަތު ހަމަވުމުން ޕީޖީ އޮފީހުން ޝަރުތުތައް މުރާޖައާކުރުމަށް ކޯޓަށް ހުށަހަޅާނެ ކަމަށާއި އެ މުއްދަތުގައި އޭނަގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ ހިލާފުވެއްޖެ ނަމަ، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެ ކަމަށް  ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީން ބުނީ، އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ މީހުންނަށް، މިއަދުން ފެށިގެން އެކަމަށް ސަބަބާއެކު އެދެވޭނެ ކަމަށެވެ.

އެގޮތުން އެ އޮފީހުގެ ”އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމަށް އެދޭ ފޯމު“ އިން ހުށަހެޅުމުގެ ފުރުސަތާއި އެ އޮފީހުގެ އޮންލައިން ޕޯޓަލް (online.pgo.mv) މެދުވެރިކޮށް ބަންދުގައިވާ މީހާގެ ވަކީލު މެދުވެރިކޮށް ލުޔަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ފޯމު މިހާރު ޕީޖީ އޮފީހުގެ ވެބްސައިޓާއި، ކައުންޓަރުން ވެސް ލިބޭނެއެވެ. އަދި ކަރެކްޝަނަލް ސާވިސްގެ މީހުން ބަންދުކުރާ މަރުކަޒުތަކުން ވެސް އެ ފޯމު ލިބޭނެ އިންތިޒާމު ހަމަޖައްސާނެއެވެ.