ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ބަލޮޗިސްތާން ޕްރޮވިންސްގެ ޚުޒްދާރު ޑިސްޓްރިކްޓްގައި ސްކޫލް ބަހަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި ހަ މީހުން މަރުވެއްޖެއެވެ.

ބަލޮޗިސްތާނުގެ ޗީފް މިނިސްޓަރު ސަފްރާޒް ބުގުތީ ވިދާޅުވީ ބުދަ ދުވަހު ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ބަސް ޑްރައިވަރާއި ހަތަރު ދަރިވަރަކު ހިމެނޭ ކަމަށެވެ.

ސަރުކާރުގެ އޮފިޝަލެއް ކަމަށްވާ ޔާސިރު އިގްބާލް ދަޝްތީ ވިދާޅުވީ މި ހަމަލާގައި 38 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

”އެ ސްކޫލް ބަހަކީ އާމީ ޕަބްލިކް ސްކޫލްގެ ބަހެއް، ހަމަލާ ދިންއިރު، އެ ބަހަށް ކުދިން އަރަމުން ދިޔައީ.“ އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވި އެވެ.

ބުގުތީ ވިދާޅުވީ ފުރަތަމަ ތަހުގީގަށް ބިނާކޮށް މިއީ ”ވެހިކަލް ބޯން އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ.

އަދި ވިދާޅުވީ ހަމަލާ އަމާޒުވި ސްކޫލް ބަހުގައި 46 ދަރިވަރުން ތިބި ކަމަށެވެ.

”ވަރަށް ބޮޑަށް ޒަހަމްވި ކުދިން ކުޒްދާރުން ކުއެޓާއަށް ގެންދަނީ އެއާލިފްޓް ކުރަމުން،“ ބުގުތީ ވިދާޅުވިއެވެ.

އަދި ހަމަލާގެ ބާވަތް ކަށަވަރު ކުރުމަށް އަވަސް ތަހުގީގެއް ކުރިއަށްދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު ނަގައިފައެއް ނުވެއެވެ.