ތެލެސީމިއާ ކުދިންނަށް ދޭ ހިދުމަތްތައް ހަރުދަނާ ކުރުމަށް ސައިޕްރަސް ސަރުކާރާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. އަދި، ސައިޕްރަސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ހެލްތު މިނިސްޓަރު މައިކަލް ދަމްޔަނޮސްއެވެ.
އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ހަވާސާގެ ތެރެއިންނެވެ.
ހެލްތު މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން މައިގަނޑު ގޮތެއްގައި އެހީތެރިކަން ލިބޭނީ ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ދެމުންދާ ހިދުމަތްތައް ހަރުދަނާ ކުރުމަށް ކަމަށެވެ.
އެގޮތުން، ތެލެސީމިއާ ބަލިން ރައްކާތެރިވުމާއި، ބަލި ދެނެގަތުމާއި، ފަރުވާދިނުމުގައި ސައިޕްރަސްގެ ތަޖުރިބާކާރު ފަންނީ ބޭފުޅުންގެ އެހީތެރިކަން ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ިމީގެ އިތުރުން މޯލްޑިވިއަން ބްލަޑް ސާވިސަސްއިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެވި ޓެލެކޮންފަރެންސިން މެދުވެރިކޮށް ސްޕެޝަލައިޒްޑް ޑޮކްޓަރުންގެ ހިދުމަތްދިނުން ވެސް މީގެތެރޭގައި ހިމެނޭއިރު ސިއްހީ ހިދުމަތްތެރިންގެ އިންސާނީ ވަސީލަތްތައް ހަރުދަނާކުރުމަށް މި އެއްބަސްވުމުގެ ދަށުން ސައިޕްރަސްއިން އެހީތެރިކަން ލިބޭނެކަން ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެެވެ.
ހެލްތު މިނިސްޓަރު ނާޒިމް ވަނީ މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު އަދި ފާހަގަކޮށްލެވޭ ފިޔަވަޅެއްކަމުގައި ވިދާޅުވެފައެވެ.
އަދި ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 18 އިންސައްތަ މީހުންނަށް ތެލެސީމިއާ ފަރުވާދެމުންދާކަމާއި ތެލަސީމިއާއަކީ އާންމު ސިއްހަތާ ގުޅޭ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

