ފަލަސްތީނުގެ ޣައްޒާ އެއްކޮށް އިޒްރޭލުގެ ސިފައިންގެ ބާރުގެ ދަށަށް ގެންދާނެ ކަމުގެ އިންޒާރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދީފިއެވެ.

ޣައްޒާގައި އިޒްރޭލުގެ އަސްކަރިއްޔާއިން ދެމުންދާ ހަމަލާތައް މިފަހުން ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ.

ޑިސެމްބަރު މަހުގެ ފަހުން، ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކޮށް ނަތަންޔާހޫ ބުނީ، މިހާރު ކުރިއަށްދާ ”އޮޕަރޭޝަން“ ނިމޭއިރު، މުޅި ޣައްޒާ އިޒްރޭލުގެ ބާރުގެ ދަށަށް ގެންނާނެ ކަމަށެވެ.

ޣައްޒާ އަށް މިއަދު ފަތިހުން ފެށިގެން ދިން އެކި ހަމަލާތަކުގައި އެކަނި ވެސް ފަލަސްތީނުގެ އެއްވެސް ކުށެއް ނެތް 82 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އަދި މުޅި ހަނގުރާމަ 2023 ވަނަ އަހަރުގައި ފެށި ފަހުން، މިހައިތަނަށް 53000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

މުޅި ޣައްޒާ ހިފާނެކަމުގެ އިންޒާރު އިޒްރޭލުގެ އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ ދިން އިރު، އިޒްރޭލަށް ވާގިވެރިވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވެސް ވަނީ ޣައްޒާ ”ސާފު ކުރަން“ ބޭނުންވާ ކަމަށާއި، މިސްރާއި ލީބިޔާ ފަދަ ގައުމަތަކަށް ރެފިއުޖީންގެ ގޮތުގައި ޣައްޒާގެ ރައްޔިތުން ފޮނުވުން ރަނގަޅުވާނެ ކަމަށް ބުނެފައެވެ.