ސިނަމާލެ ބްރިޖް މަތީގައި ރޭ ދެ އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ރޭ 9:48 ހާއިރު ބްރިޖްމަތީގައި މަޑުކޮށްގެން އޮތް ކާރެއްގެ ފަހަތުގައި ދެ ސައިކަލު ޖެހިގެން އުޅޭ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، ހަތަރު ސިގްނަލް ދީގެން އޮތް އެ ކާރު ފަހަތުގައި ސައިކަލެއް މަޑުކުރުމުން، ފަހަތުން އައި އެހެން ސައިކަލެއް ކޮންޓްރޯލް ނުވެ އެ ސައިކަލުގައި ވަނީ ޖެހިފައެވެ.

އެވަގުތު އެ ދެ ސައިކަލު ވެސް ގޮސް އެ ކާރުގައި ޖެހުނީ ކަމަށާއި މި އެކްސިޑެންޓްގައި ދެމީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ދެވަނަ އެކްސިޑެންޓް ހިނގާފައި ވަނީ ފުރަތަމަ އެކްސިޑެންޓްވުމުން ޓްރެފިކް ފްލޯ ހުއްޓިފައި އޮތް ވަގުތު ކަމަށާއި، އެވަގުތު ކާރެއްގެ ފަހަތުގައި ސައިކަލެއް ޖެހިގެން އެކްސިޑެންޓްވެފައިވާ ކަމަށެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި ދެވަނަ އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާގެ ފަލަމަސްގަނޑު ބިންދައިގެން ގޮސް އިތުރު އަނިޔާތަކެއް ވަނީ ލިބިފައެެވެ.

އެގޮތުން މި ދެ އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންނަށް ވެސް މިހާރު ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ގެންދަނީ މި ދެ މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ.