ފާއިތުވި ހަފްތާގައި ރާއްޖޭގައި ހިނގި އެކި ބާވަތުގެ ސްކޭމްތަކުގެ ސަބަބުން ގެއްލުނު ފައިސާގެ ތެރެއިން 380 ހާހަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.
އެންޓި ސްކޭމް ސެންޓަރުން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު، 13 އިން 19 މެއި 2025 އާ ދެމެދު ޖުމްލަ 45 ސްކޭމް މައްސަލަ ރިޕޯޓުކުރެވިފައިވެއެވެ.
މި މައްސަލަތަކުގެ ސަބަބުން ޖުމްލަ 481,520.67 ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 383,610.08 ރުފިޔާ (80%) އަނބުރާ ހޯދާފައިވާކަމަށް ބުނެފައިވެއެވެ.
ރިޕޯޓުކުރެވުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހިންގާފައިވަނީ އީ-ކޮމާސް ސްކޭމްތައް ކަމަށްވާއިރު، މިފަދަ 26 މައްސަލަ ރިޕޯޓުކުރެވިފައިވެއެވެ.
މީގެ ތެރެއިން 20 މައްސަލައެއްގައި ބޭނުންކޮށްފައިވަނީ ފޭސްބުކް މާކެޓްޕްލޭސްއެވެ.
އެހެނިހެން ބާވަތްތަކުގެ ތެރޭގައި ބޭރު ފައިސާ މާރުކުރުމުގެ ސްކޭމްގެ 10 މައްސަލަ އާއި ފޯނު މެދުވެރިކޮށް ހިންގާ ސްކޭމް 5 މައްސަލަ، އަދި އިމްޕާރސަނޭޝަން، ފިޝިންގ، ރޮމޭންސް ސްކޭމް އަދި ފައިސާ ޖަމާކުރުމުގެ މައްސަލަތައް ހިމެނެއެވެ.

