މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ބަޔާން ނެގުމަށް މެލޭޝިޔާ ފުލުހުންގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

ޔުމްނުއަށް ލިބުނު އަނިޔާތަކަށް މެލޭޝިޔާގައި ފަރުވާދެމުންދާއިރު އޭނާގެ ބަޔާން ނެގުމަށް އާއިލާގެ އެއްބާރުލުން ނުލިބޭ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ.

އިއްޔެ ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ ޔުމްނު މެލޭޝިޔާ އަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހުން އެ ގައުމުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އެއް ފުލުހަކީ ޑޮކްޓަރެއް ކަމަށެވެ.

ޔުމްނުގެ ސިއްހީ ހާލާ ގުޅޭގޮތުން ވެސް ފުލުހުންނާ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައި ނުވާ ކަމަަށްވެސް ބުންޏެވެ.

”މެލޭޝިއާގައި ފަރުވާ ދެމުންދިޔަ ހޮސްޕިޓަލް ބަދަލު ކުރި އިރުވެސް ފުލުހުންނާ އެ މައުލޫމާތު ހިއްސާކޮށްފައިނުވޭ.“ ފުލުހުން ބުންޏެވެ.

އެހެންވެ މެލޭޝިޔާ ފުލުހުންނާ ގުޅިގެން ބަޔާން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.