ދިވެހިރާއްޖޭގައި އަނެއްކާ ވެސް ކޮވިޑް-19 ފެތުރެމުންދާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެ އެޖެންސީ އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިފަހުން ކޮވިޑް ކޭސްތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި މޫސުމީ ރޯގާތައް ކަމުގައިވާ ވައިރަލް ހުމާއި، ޑެންގޫ އަދި އިންފްލުއެންޒާގެ ކޭސްތައް ވެސް ފާއިތުވި ހަފްތާތަކުގައި އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
މި ބަލިތަކަށް ސަމާލުވުމަށް އެދި އެޗްޕީއޭ އިން އިތުރަށް ބުނީ، ހާލަތު ވަރަށް ގާތުން މޮނީޓަރ ކުރަމުން އަންނަ ކަމަށާއި، މިކަމާ ގުޅޭގޮތުން ހިއްސާ ކުރަންޖެހޭ މައުލޫމާތުތައް ހިއްސާ ކުރަމުންދާނެ ކަމަށެވެ.
ކޮވިޑް-19ގެ އައުޓްބްރޭކެއް ފެށުނީ 2019 ވަނަ އަހަރުގައެވެ. މި ބަލީގެ ކޭސްތައް ރާއްޖެއިން އަލުން ފެންނާން ފެށިއިރު، ތައިލެންޑާއި ސިންގަޕޫރުގައި ވެސް މި ބަލި ވަނީ ފެތުރެން ފަށައިފައެވެ.

