ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފަންގިފިލާއިން މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ) ގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.

އިއްޔެ ހެނދުނު ބަންދުން ދޫކޮށްލުމަށްފަހު އިއްޔެ ހަވީރު އަލުން ވަނީ ހައްޔަރުކޮށްފައެވެ.

އޭނާ އިއްޔެ ހެނދުނު ދޫކޮށްލީ ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކެއް ހުރުމުންނެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން އެދިގެން، ރައުދުގެ ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތައް ވަނީ ސިއްރުކޮށްފައެވެ.

އެހެންވެ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް މިހާތަނަށް ސާފުވެފައި ނުވެއެވެ.

އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މެލޭޝިއާގައި އޭނާ ފަރުވާ ހޯދަމުން އަންނައިރު، ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.