ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިފްތިތާހު ކޮށްދެއްވައިފިއެވެ.

އެކަމަށްޓަކައި މިރޭ، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ބައިވެރިވެވަޑައިގަތެވެ.

މައުރަޒު އިފްތިތާހު ކޮށްދެއްވުމަށްފަހު ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ، އެ މައުރަޒުގެ ބައިވެރިންގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

މި މައުރަޒުގައި ދިވެހިވަންތަ، ސަގާފީ އުފެއްދުންތަކުގެ އިތުރުން ޒަމާނީ ދިވެހި އުފެއްދުންތަކާއި، ހުނަރުވެރި ދިވެހީންގެ ސުމޭކު އުފެއްދުންތަކާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އުފެއްދުންތަކާއި ހުށަހެޅުންތައް ފެނިގެންދެއެވެ.

މިއީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރި ފުޅާކުރުމުގެ މަގުސަދުދުގައި މިހާތަނަށް ރާއްޖޭގައި ބާއްވާ މި ފަދަ އެންމެ ބޮޑު މައުރަޒެވެ.

”ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު“ ގެ ނަމުގައި މައުރަޒެއް ބޭއްވުމަށް ރައީސް ނިންމަވާފައިވަނީ، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު 20 މޭ 2024 ގައެވެ.

މައުރަޒުގެ ކަންކަން އިންތިޒާމުކޮށް ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.

މައުރަޒު ހުޅުވުން ފާހަގަކުރުމަށް، ހަވާ އެރުވުމުގެ ހަރަކާތްތައްވެސް މިރޭ ކުރިއަށް ގެންގޮސްފައިވެއެވެ.

މި މަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު، ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މައުރަޒު ކުރިއަށްގެންދާނެއެވެ.