އެމްޑަބްލިއުއެސްސީ އިން ބ. ކެންދޫގައި ކުރިއަށް ގެންދާ ފެނާ ނަރުދަމާ ނިޒާމުގެ ގާއިމުކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަންކޮށްފިއެވެ.

ކެންދޫގައި ފެނުގެ ނިޒާމު ގާއިކުރުމުގެ މަސައްކަތުގެ ދަށުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް ފެނުގެ މައިނެޓްވޯކް އަޅައި ގޭގެޔަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.

އަދި ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިން އަޅާފައިވާއިރު، ފެން ރައްކާކުރުމަށްޓަކައި ފެން ތާންގީވެސް ވަނީ ބަހައްޓާފައެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ކެންދޫގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައިނެޓްވޯކް އާއި ޕަމްޕިން ލައިން އަޅައި، ޕަންޕިން ސްޓޭޝަން ގާއިމްކޮށް އަދި ސީ އައުޓް ފޯލް އަޅާފައިވާ ކަމަށެވެ.

އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅައިދީފައިވާ ކަމަށެވެ.

މިމަޝްރޫއުގެ ޖުމްލަ އަގަކީ 56.26 މިލިއަން ދިވެހި ރުފިޔާއެވެ.