އަންނަ އަހަރަކީ ”ގައުމީ އުފެއްދުންތެރިކަމުގެ އަހަރު“ގެ ގޮތުގައި ކަނޑައެޅުމަށް މަޝްވަރާ ކުރައްވާފައިކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހާމަ ކުރައްވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ ”ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު 2025″އަށް ޒިޔާރަތް ކުރައްވައި، ދައުލަތުގެ މީޑިއާއާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހީންގެ އުފެއްދުންތެރިކަން ދައްކައިލަން ދިން ފުރުސަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފައިފައިވާ ކަމަށެވެ.

”އަޅުގަނޑު މިހާރު މިނިސްޓަރު މުހައްމަދު ސައީދަށް ދަންނަވާފަވާނެ، ތަފްސީލު ކެބިނެޓް ޑިސްކަޝަންއަކަށްދާން، ލިޔެކިޔުންތައް ތައްޔާރުކޮށް، ަމަޝްވަރާއަށް ދާން، މި އަންނަ މުޅި އަހަރަކީ، ގައުމީ އުފެއްދުންތެރިކަމުގެ އަހަރެއް ގޮތުގައި ކަނޑައަޅަން، ޕްލޭން ކޮށްގެން، ވަށާޖެހޭ ގޮތަށް. “ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި އަހަރުގެ އުފެއްދުންންތެރިކަމުގެ މައުރަޒު ބާއްވާފައިވަނީ، މި މައުރަޒު ނުބާއްވާ ގިނަ ދުވަސްތަކެއް ފަހުންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، އެކި ބާވަތްތައް އުފެއްދުމުގައި ދިވެހީންގެ ހުނަރު ހުރި މިންވަރު މައުރަޒުން ފެނިގެން ގޮސްފައިވާ ކަމުގައެވެ.

 

”މިއީ ފެށުމެއް، ފެށުމެކޭ މި ދެންނެވީ، ވަރަށް ގިނަ އަހަރުތަކުގެ ބްރޭކަކަށްފަހު މިކަން މި ރީސްޓާޓްވީ (އަލުން ފެށުނީ). ފެށުން، ރައްޔިތުން ވަރަށް ރަނގަޅަށް ބަލައިގެންފިކަން އަޅުގަނޑަށް ފެނުނީ.“ ރައީސް އިތުރަށް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ކްރިއޭޓިވް އިކޮނޮމީއެއް ގާއިމު ކުރުމަކީ އެމަނިކުފާނުގެ ވަރަށް މުހިންމު ރިޔާސީ ވައުދުފުޅެއްކަން ފާހަގަކުރެއްވިއެވެ.

އެގޮތުން 2030 ވަނަ އަހަރާ ހަމައަށްދާއިރު، މުޅި ޖީޑީޕީގެ 15 އިންސައްތައަކީ ކްރިއޭޓިވް އިންޑަސްޓްރީން ކޮންޓްރިބިއުޓް ކުރާ އެއްޗަކަށް ހަދަން މަސައްކަތް ކުރަން ނިންމައި، އެކަން އިއުލާނު ކުރައްވާފައިވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖެއިން ފެންނަ އުފެއްދުންތެރިކަމަށް ބަލާއިރު، އެއަށްވުރެ ކުރިން ވެސް އެ އަމާޒަށް ވާސިލުވެވިދާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން މިކަމަށް މަގުފަހިކޮށްދިނުމަށް ފުރިހަމަ ޕޭމަންޓް ނިޒާމެއް ގާއިމުކުރުން ފަދަ ކަންކަން ކުރާނެ ކަމަށެވެ.

ޑިޖިޓަލައިޒްޑް ޕްލެޓްފޯމެއްގެ ތެރެއިން، އެ ފުރުސަތުތައް ހުޅުވައިލުމަކީ ސަރުކާރުގެ ޒިންމާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އުފެއްދުންތެރިންގެ އުފެއްދުންތައް ވިއްކުމަށް  މަގު ފަހިކޮށްދިނުމަށް ގިނަ ފުރުސަތުތައް ފަހި ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ވެސް ރައީީސް ދެއްވިއެވެ.

 

ެ