ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ކުރިން ނުކުޅެދިފައިވަނީ އެކަމަށް ޕޮލިޓިކަލް ވިލް ނެތުމުންކަަމަށާއި ގާނޫނު ތަންފީޒުކުރުމުގައި ވަކި ފަރާތެއް އިސްތިސްނާވެގެން ނުވާކަަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަށްޓަކައި، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީގު ކުރެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކާށް ޖަވާބުދެއްވަމުންނެވެ.

ބިލު ތަސްދީގު ކުރެއްވުމަށްފަހު، ބިލާއި ބެހޭގޮތުން ދެއްކެވި ވާހަކަފުޅުގައި، ރައީސް ވަނީ މިފަދަ ހައްސާސް މައްސަލަތައް ހައްލުކުރުމަށް އެންމެހާ ރައްޔިތުންގެ ބައިވެރިވުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.

އަދި، މިއަދު ތަސްދީގު ކުރެވިގެންދިޔަ ބިލުން، ރައްޔިތުންގެ އެއްބާރުލުމާއެކު، ނަތީޖާ ނެރެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިފަދަ ބިލެއްގެ އަމާޒަކީ ބަޔަކު ކުށްވެރިކުރުން ނޫންކަމަށާއި، ކުށުގެ ވެށިން ރައްޔިތުން ސަލާމަތްކުރުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގޭންގާއި ގޭންގްކުށްތަކުގެ މައްސަލަތައް ހައްލުކުރެވިފައިނުވަނީ އެކަމަށް ޕޮލިޓިކަލް ވިލް ނެތި، އަމިއްލަ މަސްލަސަތު އިސްކުރުމުން ކަމަށެވެ.

ނަމަވެސް، މިދައުރުގައި އެފަދަ މައްސަލަތަކަށް އެދެވޭ ފިޔަވަޅުތަކެއް އެޅި، ތަންފީޒީ އިދާރާތަކުގެ ދައުރު ފުޅާކޮށް، ވަކި ފަރާތެއް އިސްތިސްނާނުވާ ގޮތަށް، ހަގީގީ މާނައިގައި ގައުމުގައި ހުރި މިފަދަ މައްސަލަތަކަށް ހައްލު ހޯދެމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދިި، މިފަދަ މައްސަލަތަކަށް ދާއިމީ، ވަށާޖެހޭ ހައްލުތައް ހޯދުމަށް، އެމަނިކުފާނަށް ބޭނުންފުޅުވަނީ ރައްޔިތުންގެ އެއްބާރުލުންކަމަށް ރައީސް ވިދާޅުވިއެެވެ.