ކުށް ކުރުން މަދު ކުރުމަށްޓަކައި އެންމެން އެކަތިގަނޑަކަށް ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ގޭންގުތަކުން ހިންގާ ކުށްތަކާއި، އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީގު ކުރެއްވުމަށް އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ދިވެހި މުޖްތަމައުއަކީ ވަރަށް އެކުވެރި، އަމާން މާޙައުލެއްގައި އުޅެން އެމަނިކުފާނު އެދިވަޑައިގަންނަވާ މުޖުތަމައެއް ކަމަށާއި، މިއީ މުޖްތަމައު ތެރޭގައި ހުރި ނުރަނގަޅު އާދަތައް، އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ހައްލު ކުރެވޭނެ ފަދަ ކުޑަ އާބާދީއެއް ކަމަށެވެ.
”އެހެންވީމާ، އަޅުގަނޑު އެދެނީ، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި، އެއްބައެއްވަންތަ ބައެއް ކަމުގައިވާތީ، މިހެން ހުރި ކަންކަން ޙައްލުކުރުމުގައި، އަޅުގަނޑުމެން ހަމަ އެންމެން އެކައްޗެއް ކިޔަން. މިއީ ހަމަ މި އެކުވެރިކަން އަޅުގަނޑުމެންގެ ތެރޭގައި އެސްޓެބްލިޝް ކުރެވިއްޖިއްޔާ، ގާއިމު ކުރެވިއްޖިއްޔާ، އިރާދަކުރެއްވިއްޔާ މާއުނދަގޫ ކަމެއް ނޫން.“ ރައީސް ވިދާޅުވިއެވެ.
އަދި ގުރޫޕް ހަދައިގެން، އެކިކަހަލަ ކުށްކުށް ކުރުމާއި، މީހުންގެ މުދަލަށް ގެއްލުން ދިނުން ފަދަ ކަންކަމަކީ ވެސް ހައްލު ކުރެވޭނެ މައްސަލަތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އިއްޔެ ތަސްދީގު ކުރެވުނު ގާނޫނުން، ނެރެން ބޭނުންވާ ނަތީޖާ، އެންމެން އެއް ރޫހެއްގައި މަސައްކަތްކޮށްފިނަމަ، ނެރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

