ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާހު ކުރުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތަށް މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައުދީ ދާހިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ހިޒް އެކެސެލެންސީ ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ ރޭ ރާއްޖެ ވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނާއި، އެމަނިކުފާނާއެކު ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އިސްވެރިންނެވެ.

އެމަނިކުފާނާއެކު ވަޑައިގެންނެވި ވަފުދުގައި ދެން އިސްކޮށް ހިމެނިލައްވާ ބޭފުޅުންގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ފޮރިން އެފެއާޒް މިނިސްޓްރީގެ ހައްޖު، އުމްރާ އަދި އެންޑޯސްމެންޓް ޑިޕާޓުމެންޓުގެ ޑިރެކްޓަރ ޖެނެރަލް ހިޒް އެކްސެލެންސީ މޭޖާ ޖެނެރަލް އަބްދުލްމުއްނިމް ބިން ޢަބްދުލް ރަޙްމާން އަލް މަޙްމޫދުގެ އިތުރުން މައްކާ ރޫޓު އިނީޝިއޭޓިވް ސްޓީރިން ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މޭޖާ މުހައްމަދު ބިން ނަސީރް އަލް ހައްލާފް ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން އެ ވަފުދުގައި ޖެނެރަލް އޮތޯރިޓީ ފޯ އެންޑޯމަންޓް ބޭންކްސް އެންޑް ޑިވެލޮޕްމަންޓް ޕްރޮގްރާމްސްގެ ނައިބް ރައީސް ހިޒް އެކްސަލަންސީ އަބްދު ރަހްމާން ބިން މުހައްމަދު އަލް އަގީލްގެ އިތުރުން އެކި އެކި މުއައްސަސާތަކުގެ އިސް ބޭފުޅުން މިވަފުދުގައި ހިމެނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުއްވާފައިވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ އިރުޝާދުގެ ދަށުން މިކަމުގައި ގައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ހާއްސަކަން ދެވިގެންނެވެ.

މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހު ކުރުމަށް މިއަދު މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމެޖެހިފައިވާއިރު މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާނީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ.

މިއީ ރައީސްގެ އިރުޝާދާއެކު ދިވެހި ހައްޖުވެރިންނަށް ދެމުންދާ ހިދުމަތްތައް ފަސޭހަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަކޮށްލެވެއެވެ.