މައްކާ ރޫޓް އިނީޝިއަޓިވްގެ ސްޓިއަރިން ކޮމިޓީގެ ޗެއަރމަން އަދި ހިޒް ރޯޔަލް ހައިނަސް ދަ މިނިސްޓަރ އޮފް އިންޓީރިއަރގެ އެޑްވައިޒަރ، ހިޒް އެކްސެލެންސީ ސުލައިމާން ބިން ޢަބްދުލް ޢަޒީޒް އަލްޔަޙްޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް ވައިގެބަނދަރުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރައީސް ވަނީ، މައްކާ ރޫޓް އިނީޝިއަޓިވްގައި ދިވެހިރާއްޖެ ހިމެނުއްވުމަށް ނިންމެވިކަމަށްޓަކައި، މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީ އަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައޫދަށާއި، ސައުދީ އަރަބިއްޔާގެ ވަލީ އަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައޫދަށާއި ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާކަން ހާމަކުރައްވާފައެވެ.
އަދި އެ ނިންމެވުމުން ހާމަކޮށްދެނީ، ދިވެހިރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ގުޅުމަށް ދެއްވާ އަހަންމިއްޔަތުކަން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސުލައިމާން ބިން އަބްދުލް އަޒީޒް އަލްޔަހްޔާގެ ވާހަކަފުޅުގައި ވަނީ، މައްކާ ރޫޓް އިނީޝިއަޓިވްގައި ދިވެހިރާއްޖެ ހިމެނުއްވުމަކީ ސީދާ މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީ އަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދާއި، ސައުދީ އަރަބިއްޔާގެ ވަލީ އަހްދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ އިރުޝާދުގެ ދަށުން، މިއަހަރުން މި އަހަރަށް ތަންފީޒުކުރެއްވުމުގެ ނިޔަތުގައި ނިންމެވި ނިންމެވުމެއް ކަމަށް ވިދާޅުވެފައެވެ.
އަދި ދިވެހިރާއްޖެ އާއި މި ސަރުކާރަކީ މި އިނީޝިއަޓިވް ހައްގުވާ ފަދަ އަހުލާގު ދައްކާފައިވާ ގައުމެއް ކަމަށާއި، މީގެ ކުރީގެ އަހަރުތަކުގައި ހައްޖުގެ އިންތިޒާމުތައް ކުރިއަށްގެންގޮސްފައިވާ ގޮތުން އެކަން ހާމަވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މައްކާ ރޫޓް އިނީޝިއަޓިވް މެދުވެރިކޮށް، ދިވެހި ހައްޖުވެރީންނަށް ހައްޖުގެ އަޅުކަމުގެ ދަތުރުފަތުރުގެ ކަންކަމުގައި ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
އެގޮތުން ވިސާ އާއި އިމިގްރޭޝަންގެ ކަންކަން ފުރުމުގެ ކުރިން، ވެލާނާ އިންޓަރނޭޝަނަލް ވައިގެބަނދަރުން ފުރިހަމަކުރެވި، މައްކާއަށް ދެވުމާއެކު، އެއާޕޯޓުގައި އިތުރަށް މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމު ކުރެވި، ދާގީނާ އަދި އިމިގްރޭޝަން ކިއު ތަކުގައި ގިނަ ވަގުތު ހޭދަކުރަން ނުޖެހުން ފަދަ ލުއިފަސޭހަތައް ލިބިގެންދާނެއެވެ.
މިއީ ހައްޖުގެ އަޅުކަން އަދާކުރުމުގައި ދިވެހި ހައްޖާޖީންނަށް ލިބޭ ބޮޑު ކުރިއެރުމަކަށް ވެގެންދާނެއެވެ.
އަދި މިކަމަކީ ދިވެހިރާއްޖެ އާއި ސައުދީ އަރަބިއްޔާ އާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނޭ ފިޔަވަޅަކަށް ވެގެންދާނެއެވެ.

