މި ސަރުކާރުގެ ”ނިއު ޕޮލިސީ އިނިޝިއޭޓިވް“ގެ ދަށުން ކުރިއަށްގެންދިޔަ، ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިއަދު ހަވީރު ހުޅުމާލެ ހޮސްޕިޓަލުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމު ބައްލަވާލައްވާފައެވެ.

އަދި އެވަގުތު ހިދުމަތް ހޯދަމުންދިޔަ ފާރާތްތަކާއި އެ ހޮސްޕިޓަލުގެ މުވައްޒަފުންނާ ބައްދަލުކޮށްލައްވައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.

ޒަމާނީ މެޑިކަލް އާލާތްތަކާއިއެކު ފަރުމާކޮށްފައިވާ މި އިމަޖެންސީ ރޫމުގައި، ކްރިޓިކަލް ބަލިމީހުންނަށް ހާއްސަ ފަރުވާ ދިނުމަށް ރިސަސިޓޭޝަން ރޫމެއްވެސް ގާއިމުކޮށްފައިވެއެވެ.

އަދި ފުރާނައަށް ނުރައްކާވާ ހާލަތުގައި އަވަސް ފަރުވާދެވޭ އެންމެ ފުރިހަމަ އާލާތްތަކާއެކު، މި ރޫމް ތައްޔާރުކޮށްފައި ވަނީ ބޮޑެތި އިމަޖެންސީ ހާލަތްތަކަށް ހާއްސަ އިސްކަމެއް ދީގެންނެވެ.

އިމަޖެންސީ ރޫމުގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫޢަކީ ސަރުކާރުން ކަނޑައަޅާފައިވާ ސިއްހީ ސިޔާސަތުތަކުގެ ތެރެއިން، ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްގީކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފުރިހަމަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ މަޝްރޫއުއެކެވެ.

މި މަޝްރޫއު ނިމުމާއެކު ހުޅުމާލެ ހޮސްޕިޓަލްގެ އިމަރޖެންސީ ރޫމުގައި ފަރުވާދޭ އެނދުތަކުގެ އަދަދު ވަނީ ދެގުނަ ވެފައެވެ.

މި މަޝްރޫއުއަށް ފަހު ހުޅުމާލެ ހޮސްޕިޓަލުގެ އެމަރޖެންސީ ރޫމުގައި މިހާރު އެއްފަހަރާ 14 އެނދުގައި ބަލި މީހުން އެޑްމިްޓްކޮށްގެން ފަރުވާ ދިނުމުގެ ގާބިލުކަން ހުންނާނެއެވެ.

މި ސަރުކާރުން އަންނަނީ ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ފަހިކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.