ތ. ކަނޑޫދޫގައި ބިދޭސީ ޓީޗަރަކު، އެ ރަށު ސްކޫލްގެ ދަރިވަރެއްގެ އިނގިލި ބިންދާލައި އަނިޔާކުރި މައްސަލައެއް ދިވެހި ފުލުހުން ބަލަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ބިދޭސީ ފިރިހެން ޓީޗަރު އަނިޔާ ކުރީ، އުމުރުން 11 އަހަރުގެ ފިރިހެން ދަރިވަރަކަށެވެ.
މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނި ގޮތުގައި މި މައްސަލަ ރިޕޯޓްކުރީ މިއަދު ހެނދުނު 10:55 ހާއިރެވެ.
ފުލުހުން ބުނި ގޮތުގައި ބިދޭސީ ޓީޗަރު ވަނީ ދަރިވަރުގެ އިނގިލި ހިފައި އަނބުރާލައި ހުޅުން ނައްޓައިލައިފައެވެ.
ޓީޗަރުގެ ފަރާތުން އަނިޔާ ލިބުނު ކުއްޖާއަށް އެ އަތޮޅު ވޭމަންޑޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގައި އަދި މީހަކު ހައްޔަރުނުކުރާ ކަމަށެވެ.
އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

