ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކާ ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދު ފައްޓަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރައްވައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން މިރޭ ކުރެއްވި ޕޯސްޓުގައި ވަނީ މިއަދު މި ފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ މި މައްސަލައަށް ހައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެކަމުގައި ވިދާޅުވެފައެވެ.

ޝަރީއަތް ނިމެންދެން ބަންދު ކުރެވިފައިވާ ފަރާތްތަކުގެ ހައްޤުތަކަށް ވަކާލާތުކުރައްވާ ބައެއް ބޭފުޅުން ލިޔުމުން ހުށަހެޅުއްވި ހުށަހެޅުންތަކާމެދު މަޝްވަރާކުރެއްވުމަށް ރައީސް މި މަހުގެ 8 ވަނަ ދުވަހު ވަނީ ރައީސް އޮފީހުގައި ކަމާގުޅުންހުރި އިދާރާތަކުގެ އެންމެ އިސްވެރިންނާ ބައްދަލުކުރައްވައި އެ ހުށަހެޅުންތަކުގައި ފާހަގަކުރެއްވި ކަންކަމާމެދު މަޝްވަރާ ކުރައްވައިފައެވެ.

އެގޮތުން އެ ފަރާތްތަކަށް އެއް ފުރުސަތު ދިނުމުގައި، އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއް ތަންފީޒުކުރެވޭނެ ގޮތަކާ ގުޅޭގޮތުން އެ ބައްދަލުކުރެއްވުމުގައިވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.