މޯލްޑިވްސް ނޭޝަނަލް ސަރވިސްއާ ގުޅޭ މަސައްކަތްތައް ތަންފީޒުކުރާ އިދާރާއަކީ ޑިފެންސް މިނިސްޓްރީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން އެގޮތަށް ނިންމެވީ މިއަދު ވަގުތެއްގައި ނެރުއްވި ދެންނެވުމަކުންނެވެ.

ރައީސް އެގޮތަށް ހަމަޖެއްސެވުމާ ގުޅިގެން މިހާރު ވަނީ ނޭޝަނަލް ސާވިސްއާ ގުޅޭ މަސައްކަތްތައް ޑިފެންސް މިނިސްޓްރީގެ މަސައްކަތުގެ ތެރޭގައި ހިމަނާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ނެޝަނަލް ސަރވިސްއާ ގުޅޭގޮތުން ޑިފެންސް މިނިސްޓްރީގެ މަސައްކަތުގެ ތެރޭގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ނޭޝަނަލް ސާވިސްއާ ގުޅޭގޮތުން އެކުލަވައިލަން ޖެހޭ އުސޫލުތައް އެކުލަވައިލައި ތަންފީޒުކުރުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި ނޭޝަނަލް ސަރވިސްއަށް މީހުން އެންރޯލް ކުރުމާ ގުޅޭ އެންމެހައި ކަންކަން ރާވައި އިންތިޒާމު ކުރުމާއި ނެޝަނަލް ސަރވިސްއަށް އެންރޯލްކުރެވޭ ފަރާތްތައް ރަޖިސްޓްރީ ކުރުމާއި ނޭޝަނަލް ސާވިސްގެ މެންބަރުންނާ ގުޅޭ އިދާރީ ކަންކަން ބެލެހެއްޓުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ނެޝަނަލް ސަރވިސްގެ ތަމްރީނުގެ ނިޒާމު އެކަށައަޅައި އެ ނިޒާމު ތަންފީޒު ކުރުމާއި ނޭޝަނަލް ސަރވިސްގެ ތަމްރީނުގެ ނިޒާމުގެ ދަށުން ހިންގާ ތަމްރީނުތައް ހިނގާނުހިނގާ ގޮތް ބެލުމުގެ އިތުރުން އެ ނިޒާމު ތަރައްގީ ކުރުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުން ވެސް ޑިފެންސް މިނިސްޓްރީގެ މަސައްކަތުގެ ގޮތުގައި ހިމަނާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.