ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ދުންފަތާ ދެކޮޅަށް އެޅުއްވީ، ”ހިތްވަރުގަދަ“ ފިޔަވަޅުތަކެއްކަން ފާހަގަކުރައްވައި، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަޑަނޮމް ގެބްރިއޭސަސް ތައުރީފު ކުރައްވައިފިއެވެ.

މި މަހުގެ ކުރީކޮޅު ރައީސް މުއިއްޒު ވަނީ ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރައްވައިފައެވެ.

މި ގާނޫނާއެކު، 2007 ވަނަ އަހަރުން ފެށިގެން އުފަންވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލު ކުރުމާއި، އޭގެ ވިޔަފާރި ކުރުން ވަނީ މަނާވެގެންދާނެއެވެ.

މި ގާނޫނަށް އަމަލު ކުރަން ފަށާނީ، މި އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަޑަނޮމް ގެބްރިއޭސަސް އާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވަނީ ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތާ ގުޅިގެން ރައީސްއަށް ޑަބްލިޔުއެޗްއޯގެ އެވޯޑެއް އަރުވާކަން ފާހަގަކުރައްވައި، އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ރާއްޖޭގެ ރައްޔިތުންގެ ދުޅަހެޔޮ ސިއްހަތަށްޓަކައި އަޅަމުންދާ ފިޔަވަޅުތައް ބަލައިގަންނަ ކަމަށެވެ.

އަދި ހާއްސަކޮށް ދުންފަތާއި، ނިކޮޓިން ހިމެނޭ އުފެއްދުންތައް މަދު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ ކަމުގައި ވިދާޅުވިއެވެ.

”މަނިކުފާނުގެ ލީޑަރޝިޕްގެ ދަށުން، ރާއްޖެއިން ވަނީ، ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވައިފައި. އޭގެ ތެރޭގައި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެނައި އިސްލާހާއި، ދުންފަތުގެ އިސްތިއުމާލު ކުރެވޭ ތަންތަން މަދު ކުރުމާއި، އީ-ސިނގިރޭޓު މަނާ ކުރުމާއި، ދުންފަތުގެ އިސްތިއުމާލު ކުރެވޭ އުމުރު 21 އަށް މަތި ކުރުމާއި، ދުންފަތް އިޝްތިހާރު ކުރުމާއި ސްޕޮންސަރޝިޕް މަނާ ކުރުން ހިމެނޭ.“ އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ދުންފަތުގެ ބާވަތްތަކުން މަގާ ޓެކްސް ބޮޑު ކުރުމުގެ ސަބަބުން ސިނގިރޭޓުގެ އަގު ބޮޑުވެގެން ދިޔަކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

 

(ތަފްސީލު އަންނަނީ….)