ކ.ގުރައިދޫގެ މިސްކިތެއްގައި މުދިމަކު ނެތި، ގިނަ ދުވަސްތަކެއް ފާއިތުވެގެންދާ ސަބަބު އިސްލާމިކް މިނިސްޓްރީން ސާފުކޮށްދީފިއެވެ.

އިސްލާމިކް މިނިސްޓްރީން، މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ގުރައިދޫގެ މަސްޖިދުލް އިޚާއަށް ދާއިމީ މުދިމަކު ހަމަޖެހުން ލަސްވެފައިވަނީ އެ ވަޒީފާއަށް އިއުލާނުކޮށް، އިންޓަރވިޔު ކުރި ފަރާތްތަކުގެ ތެރެއިން ދެ ފަރާތަކުން ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާއާއި ގުޅިގެން، އެ ކޮމިޝަނުން އެކަން ބެލުމަށްޓަކައި ވަޒީފާއަށް މީހަކު ނެގުން ހުއްޓުވާފައިވާތީއެވެ.

”ސިވިލް ސަރވިސް ކޮމިޝަނުން އެ މައްސަލައިގައި ނިންމާފައިވާ ގޮތެއް މި މިނިސްޓްރީއަށް އަންގާފައެއް ނުވޭ.“

މިނިސްޓްރީން އިތުރަށް ބުނީ މިކަމާ ގުޅިގެން، މިއަހަރުގެ ތެރޭގައި ސިވިލް ސަރވިސް ކޮމިޝަނަށް އެކި ގޮތްގޮތުން މުއާމަލާތްކޮށް، ސިޓީވެސް ފޮނުވިފައިވާނެ ކަމަށެވެ.

އަދި މިކަމާ ގުޅޭ މައުލޫމާތު ކ.ގުރައިދޫ ކައުންސިލަށް ހިއްސާ ކުރި ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

މިސްކިތަށް ދާއިމީ މުދިމަކު ހަމަނުޖެއްސި، ދިގު ލައިގެން ދާ މައްސަލައިގައި އެރަށުގެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށް، މިކަން މީޑިއާގެ ސަމާލުކަމަށް ގެނައެވެ.

މިގޮތުން ގުރައިދޫ ކައުންސިލުގެ ރައީސް ހުސެއިން ޔާމީން މުހައްމަދު ވިދާޅުވީ، ގުރައިދޫގެ މިސްކިތެއް ކަމުގައިވާ ”މަސްޖިދުލް އިޚާ“ގެ މުދިމު، މިދިޔަ އަހަރުގެ މާޗުމަހުގެ 12 ވަނަ ދުވަހު ރިޓަޔަރ ކޮށްފައިވާ ކަމަށެވެ.

”މުދިމެއް ހަމަ ނުޖެހި، މިނިސްޓްރީއަށް ގުޅައި، އާދޭސްކޮށް، ސިޓީ ފޮނުވާާތާ އަހަރަކަށްވުރެ ގިނަ ދުވަސްވީ.“ ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އިސްލާމިކް މިނިސްޓްރީން، މިކަމާ ގުޅޭގޮތުން، ގުރައިދޫ ކައުންސިލަށް ޖަވާބުވެސް ދީފައި ނުވާ ކަމަށެވެ.