ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ) އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ހާއްސަ އެވޯޑެއް ދެއްވައިފިއެވެ.
މި އެވޯޑް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން އެމަނިކުފާނަށް އަރުވާފައި ވަނީ، ދިވެހި ރައްޔިތުންގެ ސިއްހަތު ރައްކާތެރިކޮށް، ދުންފަތާއި ދުރު މުޖުތަމައުއެއް ބިނާކުރުމަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ ހަރުދަނާ މަސައްކަތްޕުޅުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޑޮކްޓަރ ޓެޑްރޯސް އަޑަނޮމް ގެބްރިއޭސަސް މި އެވޯޑް، އިއުލާން ކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި ދައްކަވަމުންގެންދަވާ ނަމޫނާ ލީޑަރޝިޕާއި ދުރުވިސްނުންފުޅަށް ތައުރީފު ކުރައްވައި ފޮނުއްވި ރަސްމީ މެސެޖެއްގައެވެ.
ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ވަނީ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށާއި އަލަށް ތަޢާރަފުވަމުން އަންނަ ނިކޮޓިންގެ ބާވަތްތައް ފެތުރުން މަދުކުރުމަށް، ދިވެހި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ތާރީފުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން ތަންފީޒުކުރައްވާ ސިޔާސަތުތަކާއި، ގެންނަވާފައި ހުރި ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި މުހިންމު އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާފައި ވުމުން، ދިވެހި ރާއްޖެއަށް އެރޮނގުން ފާހަގަ ކޮށްލެވޭފަދަ ކުރިއެރުންތަކެއް ހާސިލުކުރެވިފައިވާކަން ފާހަގަކުރައްވާފައި ވެއެވެ.
އޭގެތެރޭގައި، ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ސަރަހައްދުތައް އިތުރުކުރުމާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕާއި އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކެއް، ރާއްޖެ އެތެރެކުރުމާއި ގެންގުޅުން މަނާކުރުންފަދަ ކަންކަން ހިމެނެއެވެ.
އަދި ދުންފަތުގެ ބާވަތްތައް ގަނެވިއްކުމުގެ ގާނޫނީ އުމުރުފުރާ، 21 އަހަރަށް އިތުރުކުރެއްވުމާއި، ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުމާއި ސްޕޮންސަރކުރުން، މަނާކުރުންވެސް އެޖަމުޢިއްޔާއިން ފާހަގަކުރެއްވި ކަންކަމުގެތެރޭގައި ހިމެނެއެވެ.
މީގެ އިތުރުންވެސް، ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމާއި، ދުންފަތް ވިއްކާ އަގު ބޮޑުކުރުމާއި ދުންފަތުގެ ބާވަތްތަކަށް ވާޞިލުވެވޭނެ މަގުތައް ހަނިކުރުމުގެ ގޮތުން ސަރުކާރުން އެތައް މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ.
ދުންފަތުން ލިބޭ ގެންލުންތަކަށް ހޭލުންތެރިކޮށް އެކަން ހުއްޓާލުމަށް އެހީތެރިވެދޭނެ ހިލޭ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޞިއްޙީ މަރުކަޒުތަކުގައި ވަނީ ގާއިމުކުރެވިފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ފާހަކުރައްވާ ގޮތުގައި، މި މަސައްކަތްތަކަކީ ހަމައެކަނި ދިވެހި ރާއްޖެއަށް ލިބިގެންދިޔަ ކާމިޔާބީއެއް ނޫނެވެ.
މި ކަމަކީ ދުންފަތުގެ ނުރައްކަލުން ސަލާމަތް ވުމަށާއި، ދުންފަތުގެ ސަބަބުން ސިއްހީ ގޮތުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަމާޒުހިފާފައިވާ އެހެން ގައުމުތަކަށްވެސް ވަރަށް ހަރުދަނާ ނަމޫނާއެކެވެ.
މިރޮނގުން ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތު އެ ޖަމުޢިއްޔާއިން ސިފަކޮށްފައިވަނީ މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ ސިއްހަތާއި ދުޅަހެޔޮކަން އިތުރުކޮށްދޭނެ ތަސައްވުރެއްގެ ގޮތުގައެވެ.

