ރާއްޖޭގެ ހަތަރު އަތޮޅެއްގައި ގާއިމުކޮށްފައިވާ ޑަޔަލަސިސްގެ ހިދުމަތް ފަށައިފިއެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައި މި ހިދުމަތް ފައްޓަވައިދެއްވީ ރައީސް މުހައްމަދު މުއިއްޒުއެވެ.

ރޭ ޑަޔަލަސިސްގެ ހިދުމަތް ފެށީ ނ. ވެލިދޫ ސިއްހީ މަރުކަޒު، މ. މުލީ ރީޖަނަލް ހޮސްޕިޓަލް، ތ. އަތޮޅު ހޮސްޕިޓަލް އަދި ގއ. އަތޮޅު ހޮސްޕިޓަލުގައެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ ފަސް އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގައި ޑަޔަލަސިސްގެ ހިދުމަތް ވަނީ ފަށައިފައެވެ.

އެ ހިދުމަތް މިހައިތަނަށް ނުފެށި ވަނީ އއ، އދ، ވ، ފ، އަދި ދ އަތޮޅުގައެވެ.

ހެލްތު މިނިސްޓްރީން ބުނީ ރައީސްގެ އިސްނެންގެވުމާއެކު ރާއްޖޭގެ ރަށްރަށުގައި ޑަޔަލަސިސްގެ ހިދުމަތް ދޭ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މި އަހަރު ނިމުމުގެ ކުރިން މި ހުރިހާ އަތޮޅެއްގައި ވެސް ޑަޔަލަސިސްގެ ހިދުމަތް ފެށޭނެ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.