ދިވެހި ހާޖީންނަށް ހިދުމަތް ކުރުމަކީ ލިބޭ ޝަރަފެއްކަމަށް މައްކާ ރޫޓު އިނީޝިއޭޓިވްއިން ބުނެފިއެވެ.
ތިން ވަނަ ފްލައިޓުގައި އިއްޔެ ފުރި ހައްޖުވެރންގެ ތެރެއިން ބައެއް ޙައްޖުވެރިންގެ ފޮޓޯއާއެކު މައްކާ ރޫޓު އިނީޝިއޭޓިވްގެ ރަސްމީ މީސްމީޑިއާ ވަސީލަތްތައް މެދުވެރިކޮށް އާއްމު ކުރި މެސެޖުގައި ބުނެފައިވަނީ ދިވެހި ހާޖީންނަށް ހިދުމަތްކުރުމަކީ ލިބޭ ޝަރަފެއް ކަމަށެވެ.
މިއީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހި ހައްޖުވެރިން މައްކާއަށް ދަތުރުކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ހައްޖާޖީންނަށް ލުއިފަސޭހަ ހިދުމަތެއް ދިނުމަށް ސަޢުދީ ސަރުކާރުގެ ވިޝަން 2030 ގެ ދަށުން ފައްޓަވާފައިވާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖޭ ހިމަނުއްވާފައިވަނީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ އިރުޝާދުފުޅާއެކު އެހެން ގައުމުތައް މިކަމުގައި ހިމެނުމަށް އެކުލަވާލާފައިވާ ހުރިހާ އުސޫލުތަކަކުން އިސްތިސްނާ ކުރައްވާފައެވެ.
މިއީ ސައުދީ ސަރުކާރުން ދިވެހި ހައްޖުވެރިންނަށް ދެއްވި ހަދިޔާއެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙާޖީން ދަތުރުކުރާއިރު، ރާއްޖެއިން ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސަޢުދީ ޢަރަބިއްޔާގެ އިމްގްރޭޝަން ފުރިހަމަ ކުރެއެވެ.
މިކަމުގެ ސަބަބުން ހައްޖުވެރިން ޖިއްދާ އެއާޕޯޓުގައި މަޑުކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެފައިވާއިރު، ހައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުން މަރުހަބާ ކިޔަމުންދާ ކަންވެސް ފާހަގަކޮށްލެވެއެވެ.
ދިވެހި ހައްޖުވެރިންގެ ތެރެއިން ތިން ފްލައިޓެއްްގެ ހައްޖުވެރިން މިހާރު ސަޢުދީއަށް ގޮސްފައިވާއިރު ފަހު ފްލައިޓުގެ ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު މެންދުރުފަހުއެވެ.

