މިފަހަރު ހައްޖުގެ އަޅުކަން އަދާކުރައްވާ ފަރާތްތަކަށް ހުރިހާ އިންތިޒާމެއް ހަމަޖައްސަވައިދެއްވާފައި ވަނީ ވަރަށް ފެންވަރު ރަނގަޅުކޮށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ”ރައްޔިތުންނާއެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ވަރަށް ތަފްސީލީ ގޮތެއްގައި ޙައްޖާޖީންނަށް އިންތިޒާމްތައް ހަމަޖައްސަވާދެއްވާފައިވާ ގޮތާގުޅޭގޮތުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.

މިގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގެ ތެރެއިން ޙައްޖާޖީންނަށް މައްކާއަށް ދެވުމުން އެއާޕޯޓްގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމް ހަޖެހިގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.

އަދި މިނާގައި ތިބުމަށްވެސް ވަރަށް ފެންވަރު ރަނގަޅު އިންތިޒާމް ހަމަޖެހިފައިވާކަމަށާއި، އަދި މައްކާއިން މަދީނާއަށް ދާނީވެސް ސީދާ ހައި ސްޕީޑް އެންމެ ރަނގަޅު ރޭލުގައި ދެތިން ގަޑިއިރު، ގާތްގަނޑަކަށް 2 ގަޑިއިރުތެރޭކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މި ހުރިހާކަމެއް ހަމަޖެހިގެން ދިޔައީ ސައުދީ ސަރުކާރާއި ދިވެހި ސަރުކާރުން ގުޅިގެން ކުރެއްވި މަސައްކަތުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އަދި މިކަމުން ފެންނަނީ ސައުދީ ސަރުކާރުން ރާއްޖެއާމެދު ބަހައްޓަވާ ގާތްކަންކަމަށާއި، އެގައުމުން ރާއްޖެއަށް ދެއްވާ އަހައްމިއްޔަތުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އަދި އެކަމަށްޓަކައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން ”ރާއްޖެއާ ދޭތެރޭގައި ވަރަށް ވަރަށް އިޙްސާންތެރިކޮށް، ވަރަށްގާތްކޮށް ހިއްތަވަނީ. އެކަމަށްޓަކައި ދިވެހި ރައްޔިތުންގެ ފަރާތުންނާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ސަޢޫދީ ރަސްގެފާނު އަދި ކްރައުން ޕްރިންސް ވަލީޢަހުދަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރު އެމަނިކުފާނުގެ ދެކަނބަލުން ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގަންނަވާކަން ފާހަގަކުރައްވާފައެވެ.

އަދި އެއީވެސް ސަޢޫދީ ސަރުކާރުގެ ފަރާތުން ދެއްވާ ޚާއްޞަ ދަތުރެއް ކަމަށާއި، ދަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވާ ދެއްވާފައި ވަނީ ހިލޭ ރޯޔަލް ކޯޓުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޕޮޑްކާސްޓުގެ މި އެޕިސޯޑުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ޙައްޖަށް ފަހު އަންނަ ޢީދުގައިވެސް އުފާފާޅުކުރުމަށް ބާރުއަޅުއްވައި، ދީނީ މިންގަޑުތަކާ އެއްގޮތަށް އުފާފާޅުކުރެއްވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.