ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި 4000 މިލިއަން ރުފިޔާއަށް ވުރެ ގިނަ ސިއްހީ ދާއިރާގެ މަޝްރޫއުތައް ހިނގަމުންދާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ، ސިއްހީ ދާއިރާއިން މި ސަރުކާރުން ވާނީ ވަރަށް ގިނަ އާ ކަންތައްތަކެއް ފަށައި، ވަރަށް ގިނަ ކަންކަން ހާސިލުވެސް ކޮށްފައި ކަމަށެވެ.

”މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 4000 މިލިއަން ރުފިޔާއަށްވުރެ ގިނަ ސިއްހީ މަޝްރޫއުތައް އެބަ ހިނގާ. ދެން މިއީ ވަރަށްގިނަ މަޝްރޫއު.“ ރައީސް ވިދާޅުވިއެވެ.

ސިއްހީ ދާއިރާ އިން ހާސިލުވެފައިވާ ބައެއް ކާމިޔާބީތަކަށް އަލިއަޅުވައިލައްވައި ރައީސް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ހިދުމަތް ޓާޝަރީ ފެންވަރުގައި ފެށިފައިވާއިރު، އައިޖީއެމްއެޗްގެ 75 އެނދުގެ ސަރޖިކަލް މަލްޓި-ސްޕެޝަލިޓީ ވަރޑެއް އެވަނީ ފަށާފައި ކަމަށެވެ.

”ތިޔަބޭފުޅުން ޑޮކްޓަރުންނާ ސުވާލުކޮށްލެއްވީމާ އެނގިވަޑައިގަންނަވާނެ. އެ ބޭފުޅުން ވިދާޅުވާނެ. އެ ބޭފުޅުންގެ ކިޔުގައި ތިބި، އޮޕަރޭޝަން ނުކުރެވިފައި ތިބި އެތައް ޕޭޝަންޓުންނެއް، އޮޕަރޭޝަން ކުރުމާ އެކީގައި މިހާރު ވަރޑަށް ގެންދެވޭނެކަން އިނގޭތޯ.“

އަދި ހުޅުމާލޭގައި، އީއާރު ދެގުނަކޮށް، އެތައް ހިދުމަތެއް މިދިޔަ އަހަރު ނޮވެންބަރުގައި ފެށުނުކަން ރައީސް ފާހަގަކުރެއްވިއެވެ.

”އައިޖީއެމްއެޗްގައި ކުޑަކުދިންގެ ހާއްސަ އީއާރެއް ހުޅުވިން. އޭގެ ސަބަބުން މުޅި އީއާރުގެ މި އޮންނަ ކްލޮގް ވުމަށްވެސް ވަރަށްބޮޑު ލުޔެއް ލިބުނު. ދެން މިހެންގޮސް އެތައް ކަމެއް ކުރެވިއްޖެ.“

ރައީސް ވިދާޅުވީ، ހުޅުމާލޭގައި 250 އެނދުގެ ހޮސްޕިޓަލެއް އެޅުމަށްޓަކައި މިހާރު އޭގެ ފީޒިބިލިޓީއާއި، ފައިނޭންޝަލް ހިސާބުތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.