ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އެކަން ހިނގި ގޮތް ބެލުމަށް ހާއްސަ ތަހުގީގެއް ފަށައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ޓެކްނިކަލް މައްސަލައެއް ދިމާވެ މުޅި މާލެ އާއި ހުޅުމާލެއިން ވަނީ ކަރަންޓު ކެނޑިފައެވެ.

އެކަމާ ގުޅޭގޮތުން ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

ސްޓެލްކޯ އިން ބުނީ، ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށައި، ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ވަނީ ކަރަންޓު ދެވިފައި ކަމަށެވެ.

”މީގެ އިތުރުން މާލެ އާއި ހުޅުމާލޭގެ އެހެން ސަރަހަައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން.“ އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނު މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.