ދިވެހިން ހައްޖަށް ގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށްފަހު ނަގާ ބޭސް މިއަދުން ފެށިގެން ހިލޭ ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ހަވީރު މައްކާގައި ދިވެހި ޙައްޖުވެރިންނާ ބައްދަލުކޮށްލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެ އިތުރުން، ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ހައްޖަށް ދާއިރު ބޭނުންވާ މެޑިކަލް ކަންކަން ހިލޭ ފުރިހަމަ ކުރެވޭނެ ކަމަށާއި، ވެކްސިންވެސް ރަށުގައި ތިބެގެން ހިލޭ ޖެހޭނެގޮތް ފަހިކޮށް ދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި އެމަނިކުފާނު ވަނީ ދިވެހި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ޙައްޖާޖީންގެ ކަންތައްތައް ވީހާވެސް ރަނގަޅަކަށް ފުރިހަމަކޮށް ދިނުމަށް ކަމުގައި ވިދާޅުވެފައެވެ.

ދިވެހި ހައްޖާޖީން ތިބޭ ހޮޓަލަށް ޒިޔާރާތް ކުރައްވައި، ޙައްޖުވެރިންނާ ބައްދަލުކޮށްލައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހީން ޙައްޖަށް ފުރީއްސުރެ އެނބުރި ރާއްޖެ ދެވެންދެން ހުރިހާ ކަމެއް ވީހައިވެސް ފުރިހަމައަށް ކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

މިގޮތުން ޙައްޖުވެރިންނާ ވަރަށް ގާތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި ހައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މިއަހަރުގެ ޙައްޖުވެރިންގެ ހުރިހާކަމެއްވެސް ފުރިހަމައަށް އިންތިޒާމު ކުރުމަށް ސައުދީ ސަރުކާރުން ކޮށްދެއްވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވައި ލެއްވިއެވެ.

މިގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖާޖީންނަށް ވަރަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެހިފައިވާކަން ފާހަގަ ކުރެއްވިއެވެ.

އަދި ދިވެހި ހައްޖުވެރިން މިނާގައި ތިބުންވެސް ”އަޕްގްރޭޑް“ކޮށް ހިދުމަތާއި އިންތިޒާމުތައް ކުރިއަށްވުރެ މަތިކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

އަދި، ދިވެހިންނަށް ހާއްސަ ކްލިނިކެއްވެސް ގާއިމުކޮށް ދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހުރިހާ ކަމަކަށްޓަކައި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އަދި އެންމެހައި ދިވެހި ހައްޖާޖީންގެ ފަރާތްޕުޅުން ސަޢޫދީ ރަސްގެފާނަށާއި ވަލީއަހުދަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މިމޭރުމުން ދެއްކެވި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސައުދީ ސަރުކާރުން ދިވެހިންނާމެދު ދެކެނީ ވަރަށް ގާތްކޮށް، ވަރަށް އުހުއްވަތްތެރި ކޮށް، އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައިކަން ފާހަގަކުރައްވައި، އެކަމަކީ ދިވެހިން އުފާކުރަންވާނެ ކަމެއްކަމުގައި ވިދާޅުވެފައެވެ.

ދިވެހި ހައްޖާޖީން ތިބޭ ހޮޓަލަށް މިއަދު މި ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ވަކިވަކި ހައްޖާޖީންނާ ބައްދަލު ކުރައްވައި އެކި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން 1000 ހައްޖާޖީން ދަތުރުކުރިއެވެ.