ސެޕްޓެމްބަރު 2025ގައި ފަށާ އ.ދގެ 80 ވަނަ ޖެނެރަލް އެސެމްބްލީގެ ނައިބު ރައީސެއްގެ މަގާމަށް ދިވެހިރާއްޖެ އިންތިހާބުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.

އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާ ކުރެއްވި ޕޯސްޓެއްގައި މިކަން އިއުލާނު ކުރައްވަމުން ވިދާޅުވީ، ބައިނަލްއަގްވާމީ ބައިވެރިންނާއެކު، މިފެށޭ ޖެނެރަލް އެސެމްބްލީ އަކީ ކާމިޔާބު އެސެމްބްލީއަކަށް ހެއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

އަދި، ރާއްޖެއަށް މިފަދަ ފުރުސަތެއް ލިބުމުން އެކަމަށް ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ޕޯސްޓުގައި، މިއަހަރަކީ ރާއްޖެ އ.ދގެ މެންބަރު ގައުމެއްގެ ގޮތުގައި 60 އަހަރު ފާހަގަކުރާ އަހަރުކަމަށް ވިދާޅުވެ، ރާއްޖެއިން ދޭދޭގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.