ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ދިވެހި ހައްޖުވެރިންނަށް ވީހާވެސް ފުރިހަމަ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މައްކާއަށް ވަޑައިގެން ދިވެހި ހައްޖުވެރިންނާއި ބައްދަލުކުރައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ދިވެހި ހައްޖުވެރިން މައްކާގައި ތިއްބަވާ ހޮޓެލްގައެވެ.
މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުއާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުހައްމަދު ލަތީފްގެ އިތުރުން ރައީސްގެ އަރިހުގައި ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވާފައިވާ އިތުރު ވަޒީރުންވެސް ބައިވެރިވެލައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ހައްޖުވެރިންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ހައްޖުވެރިންނާއި ގުޅޭ ކަންކަން ހަރުދަނާ ކުރެއްވުމަށް ސަރުކާރުން މިހާތަނަށް ކުރައްވާފައިވާ ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ.
މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި މިއަހަރު ހައްޖުވެރިން މައްކާއިން މަދީނާއަށް ކުރާ ދަތުރު ހައި ސްޕީޑް ޓްރެއިންގައި ދަތުރުކުރާ ގޮތަށް ހަމަޖައްސަވާފައިވާކަންވެސް ވަނީ އިއުލާނު ކުރައްވާފައެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހި ސަރުކާރުންވެސް އެންމެ އިސްކަމެއް ދެއްވާނީ ދިވެހި ހައްޖާޖީންނަށް ވީހާވެސް ފުރިހަމަ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށް ކަމަށް ވިދާޅުވިއެވެ.
އެންމެ ފުރަތަމަ މަރުހަލާއިން ފެށިގެން ހައްޖާޖީން އެނބުރި ރާއްޖެއަށް އަންނަންދެން ހުރިހައި ކަމެއްގައިވެސް ވީހާވެސް ފުރިހަމައަށް، ކޮންމެ ހައްޖާޖީއަކަށްވެސް ކަންކަން ފަސޭހައިން އިންތިޒާމުކޮށްދެއްވުމަށް ސަރުކާރުން ގިނަ މަސައްކައްތަކެއް ކުރައްވަމުންގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ ވާހަަކަފުޅުގައި އިތުރަށް ވިދާޅުވީ، މިއަހަރުގެ ޙައްޖަކީ ދިވެހިންނަށް ތާރީހީ ހައްޖަކަށް ވާނެކަމަށާއި އެގޮތުން ސަޢުދީ ސަރުކާރާއި އެ ގައުމުގެ ވަލީ އަހުދުގެ ހާއްސަ ނިންމެވުމުގެ ދަށުން މައްކާ ރޫޓު އިނީޝިއޭޓިވްގެ ތެރެއިން ދިވެހި ހައްޖާޖީންނަށް މިފަހަރު ފަހު ފުރުސަތުތަކެއް ލިބި ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބީއްޔާއަށް ދިއުމުގައި ވަރަށްބޮޑު ލުޔެއް ލިބުނުކަން ރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވަނީ މިކަމަށްޓަކައި ސައުދީ ރަސްގެފާނަށާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފައެވެ.
މި އަހަރު ދިވެހިރާއްޖެއިން ހައްޖުގެ އަޅުކަމަށް ދިއުމަށް ހަމަޖެހިފައިވާ 1000 ހައްޖުވެރިން މިހާރު ވަނީ މައްކާއަށް ގޮސްފައެވެ.

