މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓާއި އދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން މާމިގިލީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މަހުގެ ދެވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އދ. މާމިގިލި/ ރީފްސައިޑް، ރިސްވާން އިބްރާހިމް (30އ) އާއި އދ. މާމިގިލި / ވިލެޖް، އަހުމަދު ފިރުޝާން (28އ) އާއި އދ. މާމިގިލި / ރޯޅި، މުޙައްމަދު ޝަހުދު (27އ) އާއި އދ. މާމިގިލި / ކުވައިތު، މުހައްމަދު މަޙްމޫދު (34އ) އަދި އދ. މާމިގިލި / އެވަރެސްޓް، ޢަލީ ޝާނީޒް (39އ)އެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަނުގައި އެ ފަސް މީހުން ހައްޔަރުކޮށް އެމީހުންނާ ގުޅިގެން 7 ތަނެއް ބަލައިފާސްކުރިއިރު، 9.68 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރިސްވާން އިބްރާހިމް އާއި މުހައްމަދު މަހުމޫދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
އަދި އަހުމަދު ފިރުޝާން އާއި މުހައްމަދު ޝަހުދުގެ އިތުރުން އަލީ ޝާނީޒް ބަންދުގައި ބެހެއްޓުމަށް 5 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
މި މައްސަލަ އދ. މާމިގިލި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

