ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި ދަނޑުވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ އާބަން ފާބިންގެ ދެވަނަ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ ދަނޑުވެރި ސްލޮޓްތަކާއި ޕްލާޒާ މިއަދު އިފްތިތާހުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އާބަން ފާމިން 2 ގެ ޕްލާޒާ ހުޅުއްވައިދެއްވީ އެގްރިކަލްޗާ މިނިސްޓަރ ޑރ. މަރިޔަމް މާރިޔާއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ޖަޕާނުގެ ހިލޭ އެހީގައި ޔޫއެންޑީޕީ އާއި އެ ކޯޕަރޭޝަނާއި ގުޅިގެން ހިންގާ ”ކޮމިއުނިޓީއަރބަން ފާމިންގ“ މަޝްރޫއަކީ ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް ފޯޑިވެލޮޕްމަންޓް އޮފް އެމްއެސްއެމްއީސް“ (ސީޑްސް) މަޝްރޫއުގެ ބައެއްގެ ގޮތުގައިކުރިއަށް ގެންދާ މަޝްރޫއުއެއް ކަމަށެވެ.

އަދި މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް ބޭނުމަކީ، ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި، ދަނޑުވެރިންނަށް ބޭނުންވާ ވަސީލަތްތަކާއި އެކަށީގެންވާ ޓްރެއިނިން ދިނުމުގެ އިތުރުން އެމީހުން ހައްދާ ބާވަތްތައް ވިއްކައި ދެމެހެއްޓެނިވި ގޮތެއްގެ މަތިން އެކަށީގެންވާ އާމްދަނީއެއް ހޯދޭނެ މަގުފަހިކޮށްދިނުން ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
އެގޮތުން، އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ހުޅުވާލައިގެން ދަނޑުބިންތައް ކުއްޔަށްދީ، ހުޅުމާލޭގައި ދަނޑުވެރިން އިތުރުކުރުމަށް ހިންގޭ ދެވަނަ މަޝްރޫގެ ދަށުން ވަނީ 84 ދަނޑުވެރިން ތަމްރީނުކޮށް އެމީހުންނަށް ސެޓްފިކެޓް ހަވާލުކޮށްފައެވެ.
އަދި މިއަދު އިފްތިތާހުކުރެވުނު މަޝްރޫއުގެ ދަށުން ދަނޑު ހެއްދުމަށް 28 ސްލޮޓް ވަނީ ދޫކޮށްފައެވެ.
މި ސްލޮޓުތައް ކައިރީގައި 28 ޕޮޕް އަޕް މާކެޓް ސްޓޯލް ގާއިމްކޮށްފައިވާއިރު މި ސްޓޯލްތަކުގެ ބޭނުމަކީ ދަނޑުވެރިން ހައްދާ ބާވަތްތައް ފަސޭހައިން ވިއްކޭނެ މަގުފަހިކޮށްދިނުމެވެ.

އާބަން ފާމިންގް މަޝްރޫއަކީ ހުޅުމާލޭގެ ނެއިބަރހުޑްތަކުގައި ގަސް ހެއްދުމަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމަށް އެޗްޑީސީން ބުނެއެވެ.

