ކޮންމެ އީދަކީވެސް އުފާވެރި ހަނދާންތަކެއް، އެންމެންގެ ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިހުތިފާލަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ އީދު ދުވަހުގެ މުނާސަބަތުގައި މިރޭ ފޮނުއްވި ހިތާބުގައެވެ.

އީދުގެ ތަހުނިޔާ ދަންނަވައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާ ކުރެއްވި ޕޯސްޓުގައިވެސް އަދި ހިތާބުގައިވެސް އެމަނިކުފާނު ވަނީ، ބަރަކާތްތެރި ކޮންމެ މޫސުމެއްގައިވެސް އިޖްތިމާއީ ރޫހާއި އެއްބައިވަންތަކަން އާލާކުރުމަށް ހާއްސަ އިސްކަމެއް ދެއްވުމަށް ބާރުއަޅުއްވާފައެވެ.

”ދޮށީ އުމުރުގައި ތިބި މައިންބަފައިން އުފާކޮށްދިނުމާ، އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާ، ގާތްތިމާގެކަމާ ރަޙްމަތްތެރިކަން އިތުރަށް ބަދަހިކުރުމާ، ދަރީންނަށް ރިވެތި ނަމޫނާއާ ނަސޭހަތްތަކުން ތަސައްލީ ލިބިދިނުމަކީ، އީދުގެ ހަގީގީ ޒީނަތްތެރިކަމެވެ.“ އެމަނިކުފާނުގެ ހިތާބުގައި ވިދާޅުވެފައިވެއެވެ.

އަޟްހާ އީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހިތާބުގައި އެމަނިކުފާނު ވަނީ ދިވެހީންގެ ހިތްތަކުގައި ފަލަސްތީނަށް އޮތް ލޯތްބާއި، ކުލުނު ފާހަގަކުރައްވާފައެވެ.

އަދި އެމަނިކުފާނު ވަނީ ފަލަސްތީނުގެ މުސްލިމުން ކުރާ ޖިހާދުގައި ބަރަކާތް ލެއްވުމަށް އެދިވަޑައިގެން ދުޢާދަންނަވާފައެވެ.

ހަމަ އެއާއެކު، އެއް މުއުމިނަކު އަނެއް މުއުމިނަކަށް އަޅައިލާ އެހީތެރިކަން ދިނުމުން އުފެދޭ ބަދަހި ގުޅުން މާތް ނަބިއްޔާ صلى الله عليه وسلم ސިފަ ކުރައްވާފައިވަނީ، ގަދަފަދަ ބިނާއެއްގެ ގޮތުގައިކަން އެމަނިކުފާނުގެ ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތާބު ނިންމަވާލައްވާފައިވަނީ ދިވެހި ރައްޔިތުންނަށް މިއަހަރުގެ ބޮޑު އީދަކީ، އަމާންކަމާއި، ބާއްޖަވެރިކަމުން ފުރިގެންވާ މުނާސަބާއެއް ކަމުގައި ލެއްވުން އެދިވަޑައިގެން ދުއާ ދަންނަވަމުންނެވެ.