މި އަހަރުގެ އަޟްހާ އީދު ދުވަހު މާލެ އަދި ވިލިމާލޭގައި ވަކި ވަގުތެއްގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އަޟްހާ އީދު ދުވަހުގެ ހަވީރު 4:00 ން 6:00 އަށް މާލެ އަދި ވިލިމާލޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

މި ވަގުތުގައި، ވަކި ބާވަތްތަކެއްގެ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތައް ދުއްވުމަކީ ”އެއްގަމު ދަތުރުފަތުރުގެ ގާނޫނު“ ގެ ދަށުން މަނާކަމެއް ކަމުގައިވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

މި ގަވާއިދުން އިސްތިސްނާވާ އުޅަނދުތަކުގެ ތެރޭގައި ސަލާމަތީ ބާރުތަކުން ބޭނުންކުރާ އުޅަނދުތަކާއި، އެމްބިއުލެންސް، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ އުޅަނދުތަކާއި، ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ހިދުމަތާއި، އަދި ފުރާމީހުން ބޭނުން ކުރުމަށް ހުއްދަދެވޭ އުޅަނދުތައް ހިމެނެއެވެ.

ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓުން އިތުރަށް ބުނެފައިވަނީ، މި އެންގުމާއި ހިލާފުވާ ފަރާތްތަކާމެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށެވެ.