ލ. ގަމުގައި މިރޭ ހިނގި ވަރަށް ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިރޭ ބުނީ ލ. ގަން ލިންކް ރޯޑުގައި އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓްވެފައިވާ މައްސަލަ މިރޭ 7:03 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންނަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށާއި، ސައިކަލް ދުއްވަން އިން 44 އަހަރުގެ ދިވެހި ފިރިހެން މީހާގެ ކަނާތު ފައިގެ ދެ ތަނަކުން ބިނދި، ބޯ ފެޅި، އިތުރު އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި ސައިކަލުގެ ފަހަތުގައި އިން 44 އަހަރުގެ ދިވެހިން ފިރިހެން މީހާގެ ބޯ ދެ ތަނަކުން ފެޅިފައިވާއިރު، ކަނާތު ފައި ދެ ތަނަކުން ބިނދި އިތުރަށް އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
މިރޭގެ އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި 62 އަހަރުގެ ފިރިހެން މީހާއަށް އަނިޔާވެފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެކްސިޑެންޓުގައި ހިމެނޭ ސައިކަލަށާއި ކާރަށް ވެސް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

