މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތޯރިގު އިބްރާހީމް، ފްރާންސްގެ ނިސް ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އ.ދގެ އޯޝަން ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ފުރާވަޑައިގެންފިއެވެ.
މިނިސްޓްރީން ބުނީ މި މުހިންމު ބައިނަލްއަގްވާމީ ޖަލްސާގެ މައިގަނޑު މަގްސަދަކީ ކަނޑުތަކާއި ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމާއި، މިކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުން ކަމަށެވެ.
އަދި، އ.ދގެ ދެމެހެއްޓެނިވި ތަރައްގީގެ 14 ވަނަ ލަނޑުދަނޑި ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސްކުރުމަށްވެސް މި ޖަލްސާގައި އަލިއަޅުވާލެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓަރު ތޯރިގު މި ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމުން، ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކާއި، ކަނޑުތަކާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
އޯޝަން ކޮންފަރެންސް 2025 ގައި ދުނިޔޭގެ އެކި ގައުމުތަކުގެ ސަރުކާރުތަކާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއި، އަމިއްލަ ޖަމާއަތްތަކުގެ އިސް ފަރާތްތައް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

