ބެޑްމިންޓަން ކުޅުންތެރިޔާ، ލައިބާ އަހުމަދު މަހުލޫފު (އެލީ) އާމޭނިއާގައި ބޭއްވި ޔޫތު އޯޕަންގެ 13 އަހަރުން ދަށުގެ ހުރިހާ ބަޔަކުން ރަން މެޑަލް ހާސިލު ކުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޭނާ އަށް މަރުހަބާ ވިދާޅުވުމަކީ ލިބުނު ހިތްވަރެއް ކަމަށް ކުރީގެ ޔޫތު މިނިސްޓަރު ހުންނެވި އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލައިބާ ދިވެހިރާއްޖެއަށް ހޯދައިދިން ތާރީހީ ކާމިޔާބީ ފާހަގަކުރައްވާ ރައީސް މަރުހަބާ ވިދާޅުވިކަމީ ލައިބާއަށާއި އޭނާއަށް ވެސް ލިބުނު ވަރަށްބޮޑު އުފަލަކާއި ހިތްވަރެއް ކަމަށެވެ.

”ބައިނަލްއަގުވާމީ މުބާރާތްތަކާއި އަދި ގައުމީ މުބާރާތްތަކުގެ ކާމިޔާބީތައް ފާހަގަކުރައްވާ، ލައިބާގެ އިތުރު ކުރިއެރުމަށް ސަރުކާރުގެ އަރުތަ ޕްރޮގްރާމުގައި ހިމަނުއްވާދެއްވި ކަމަށްޓަކައި މަނިކުފާނަށް އަދި ކުޅިވަރާއިބެހޭ ވަޒީރު ރާފިއުއަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން.“

މަހުލޫފު ވިދާޅުވީ، اللَّهْ އިރާދަފުޅާއެކު އިތުރު ކާމިޔާބީއަށް ވާސިލުވުމަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ.

ރައީސް ވަނީ ބައިނަލްއަގްވާމީ ޖޫނިއަރ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ ހޯދި ކާމިޔާބަކީ ދިވެހި ގައުމަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ލައިބާގެ ކާމިޔާބީ އަކީ ކުޅިވަރުގައި ރަނގަޅު މުސްތަގްބަލެއް ހޯދަން މަސައްކަތް ކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށެވެ.