ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް އަންނަ އޮގަސްޓު މަހުގެ ތެރޭގައި ފެށޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިޔުއެއްގައެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ، މިހާރުގެ އަންދާޒާއަކީ، އަންނަ އޮގަސްޓު މަހުގެ ފަހުކޮޅުގައި އެ ހިދުމަތް ފެށުން ކަމަށެވެ.

މިނިސްޓަރު ވަނީ ޓެކްސީ ލައިންގައި ބޭނުން ކުރާނީ މާލޭގެ އެންމެ ކުދި މަގުތަކަށްވެސް ވަދެވޭ ވަރުގެ އުޅަނދުކަން ވެސް ފާހަގަކުރައްވައިފައެވެ.

އެފަދަ އުޅަނދު ހޯދުމަކީ ސްޓޯރަކުން އެއްޗެއް ގަތުންހާ ފަސޭހަ ކަމެއް ނޫން ކަމުގައި ވެސް ވިދާޅުވިއެވެ.

”މިހާރުގެ ޓައިމްލައިން ދައްކާ ގޮތުން އޮގަސްޓު ފަހުކޮޅަށް ވުރެ ލަހެއް ނުވާނެ ޓެކްސީ ލައިން ފެށުމެއް“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުން ގެންނަ ކާރުތަކުގެ ޕްރޮޑަކްޝަން މަސައްކަތް މި މަހުގެ ދިހަ ވަނަ ދުވަހު ފެށޭނެ ކަމަށެވެ.

މީގެ ކުރިން ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށާ ގޮތަށް އޮތީ މިދިޔަ ޖުލައި މަހުގައެވެ.