ވެރިރަށް މާލޭގެ ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި، އެ ވަގުތު އޭނާއާއެކު ހުރި ރައުދު އަހުމަދު ޒިލާލުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޖިނާއީ ދައުވާ އުފުލައިފިއެވެ.
ރައުދުގެ މައްޗަށް އުފުލާފައި ވަނީ “އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުން” މި ކުށުގެ ދައުވާއެވެ.
މި ކުށަށް ކަނޑައެޅިފައިވާ އަދަބަކީ އެއް މަހާއި ހަ މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
މި އަހަރުގެ އޭޕްރީލް 18 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި، ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ޔުމްނު ވެއްޓުނު އިރު، ރައުދު އެތަނުގައި ހުރިކަން އެނގިހުރެވެސް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ.
އަދި އެ ކަން އެއްވެސް ކަމާބެހޭ އިދާރާއަކަށް އަންގާފައިނުވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، ހާދިސާ ހިނގި ރޭ ރައުދު އާއި ޔުމްނުއާ ދެމެދު ހަމަނުޖެހުމެއް ހިނގާފައިވެއެވެ. އަދި ރައުދުގެ ކެނެބިސްއަށް ޕޮޒިޓިވްވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލައިގައި ރައުދު ފުރަތަމަ ހައްޔަރުކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އޭޕްރީލް 25 ގައެވެ.

