ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ގ.ވެލަގަލާ، އިސްމާއީލް ނަވީން، މިއަދު އައްޔަނު ކުރައްވައިފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ނަވީން އެންމެ ފަހުން ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައެވެ.
ނަވީންއަށް ކޮމިޝަނަރ އޮފް ޕޮލިސް މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު މެންދުރު ރައީސް އޮފީހުގައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ނަވީން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިދުމަތާއި ގުޅިވަޑައިގެންނެވީ 2006 ވަނަ އަހަރުއެވެ.
ނަވީން ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕަރޭޓް ސަރވިސް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަގާމާއި، ޕީޕަލް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަގާމާއި، ސެންޓްރަލް ޕޮލީސިންގ ކޮމާންޑްގެ ވެރިޔާގެ މަގާމާއި، ފޮރެންސިކް ސަރވިސަސް ޑިރެކްޓަރޭޓް މަގާމު ފުރުއްވާފައެވެ.
ނަވީން ވަނީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލަންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ނޮތަމްބްރިޔާއިން ބެޗެލަރ އޮފް ލޯ ހާސިލުކުރައްވާފައެވެ.

