ރާއްޖެ އެތެރެކުރަން އުޅުނު 26 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޯލްޑިވްސް ކަސްޓަމްސްއިން މިރޭ ހިންގި އޮޕަރޭޝަނެއްގައި ރާއްޖެ ތެރެެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގަކީ ގާތްގަނޑަކަށް 26 މިލިއަން ރުފިޔާ ކަމަށެވެ.

ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުތަކާ އެއްގޮތަށް ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރުދަންނަވާ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެ ފަރާތްތަކާ ގާނޫނު އަރާ ހަމަކުރަމުން އަންނަ ކަމަށެވެ.