މިދިޔަ ހޯމަ ދުވަހު މެލޭޝިއާގައި އަވާހަރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހީމް ފަރީދުގެ ހަނދާނުގައި އަޅަން ނިންމި މިސްކިތަށް ބޭނުންވާ ފައިސާ 24 ގަޑިއިރުގެ ތެރޭގައި ހަމަވެއްޖެއެވެ.

ޝެއިހު ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާ ކުރަން ނިންމައި، އެކަމަށް މާލީ ގޮތުން އެހީވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދިނީ ހިދުމަތް ޖަމިއްޔާއިންނެވެ.

އެ ޖަމިއްޔާ އިން ބިނާކުރަން ނިންމީ 455 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އެކަމަށް ހަރަދު ވާނެ ކަމަށް އަންދާޒާ ކުރަނީ 760،000 ރުފިޔާއެވެ.

އެކަމަށް ހުޅުވައިލިތާ 24 ގަޑިއިރު ވެސް ނުވަނީސް އެ އަދަދު ލިބިފައިވާ ކަމަށް ހިދުމަތް ޖަމިއްޔާ އިން ބުންޏެވެ.

މި މަހުގެ 9 ވަނަ ދުވަހު ޝެއިހު ފަރީދު އަވަހާރަވީ ދައުވަތުގެ މަސައްކަތެއްގައި މެލޭޝިއާއަށް ވަޑައިގެން އުޅުއްވަނިކޮށް، ކުއްލި ގޮތަކަށެވެ. ޝެއިހު ފަރީދު އަވަހާރަވީއިރު، އުމުރުފުޅުން 53 އަހަރެވެ.