ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މިއަދު ދެ ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ދެ ބޭފުޅުންނަކީ، ނ. ހެނބަދޫ، ނޫރާނީމާގެ އަލްއުސްތާޛު އަބްދުﷲ ހަމީދު އަދި ފ. ބިލެތްދޫ، މޯނިންގްވިލާ އަލްއުސްތާޛު މުހައްމަދު ސަލީމްއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ އާއިޝާ ޝުޖޫން މުހައްމަދުއެވެ.

އަދި، މަގާމަށް އައްޔަނު ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދެ ބޭފުޅުންނާއި ހަވާލުކުރައްވާފައެވެ.