ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އިސްމާއީލް ނަވީން އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ބައްދަލުކުރައްވައިފިއެވެ.
ފުލުހުން އިއްޔެ ބުނީ، ސިފައިންގެ މައި މަރުކަޒުގައި މިއަދު ބޭއްވި އެ ބައްދަލުވުމަކީ ސީޕީގެ މަގާމާ ނަވީން ހަވާލުވެ، ޗީފް އޮފް ޑިފެންސް ފޯސްއަށް ތައާރަފުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން، ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.
ހާއްސަކޮށް، ފުލުހުންނާއި ސިފައިން ގުޅިގެން ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މުހިންމުކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، މުޅި ގައުމުގެ މަސްލަހަތާއި ސުލްހަ މަސަލަސްކަން އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓުމަށާއި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުންމަތީ ދެމި ތިބެ، މި މަގުން ގުޅިގެން އިތުރަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ފުލުހުން ބުންޏެވެ.

