200 އަށްވުރެ ގިނަ ފަސިންޖަރުންނާއެކު ދަތުރު ކުރަމުންދިޔަ އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓިއްޖެއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި، 242 ފަސިންޖަރުންނާއެކު ދަތުރު ކުރަމުންދިޔަ ބޯޓު ވެއްޓުނީ، އަހުމަދުއާބާދުގެ ސަރްދާރް ވައްލާބާއި ޕަޓޭލް އިންޓަރނޭޝަނަލް އެއާޕޯޓު ކައިރިއަށެވެ.

ބޮއިން 787 ޑްރީމްލައިނާ، ވެއްޓިފައިވަނީ، އިނގެރޭސިވިލާތުގެ ލަންޑަނަށް ދަތުރު ކުރުމަށް އުދުއްސައިގަތްތަނާ، މިއަދު 1:38 ހާއިރު، އަހުމަދުއާބާދުގެ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ.

ދެ ޕައިލެޓުންނާއި 10 ކެބިން ކްރޫއިން ހިމެނޭހެން، 242 މީހުން ބޯޓުގައި ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ އޭވިއޭޝަން މިނިސްޓްރީން ބުނީ ބޯޓު ވެއްޓުމާ ގުޅިގެން އެމީހުން ވަނީ އެންމެ މަތީ އެލާޓުގައި ކަމަށެވެ. އަދި ރެސްކިއު ޓީމުތައް ވެސް ހަރަކާތްތެރިވަމުންދާ ކަމަށް ބުންޏެވެ.

 

އިންޑިއާގެ އަހުމަދުއާާބާދުގައި ފްލައިޓް ވެއްޓުނު ސަރަހައްދަށް މީހުން އެއްވެފައި-

ފްލައިޓް އޭ 171 ވެއްޓުނުއިރު، އޭގައި ތިބީ 169 އިންޑިއާ މީހުންނާއި، އިނގެރޭސިވިލާތުގެ 53 މީހުންނާއި، ޕޯޗުގަލްގެ 7 މީހުންނާއި ކެނެޑާގެ މީހެކެވެ.

ފްލައިޓް ނައްޓާލިތާ މާ ގިނައިރުތަކެއް ނުވަނީސް، ވެއްޓި ދުން އަރާ މަންޒަރު ފެންނަ ވީޑިއޯތައް އަންނަނީ ދައުރުވަމުންނެވެ.

މި ހާދިސާގައި މަރުވީ ކިތައް މީހުންކަމެއް ސާފެއް ނޫނެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުގައި، ވަރަށް ގިނަ ބަޔަކު މި ހާދިސާގައި މަރުވިއިރު، ޒަހަމްވި ބައެއް މީހުންނަށް ހޮސްޕިޓަލުތަކަށް ގެންގޮސް ފަރުވާ ދޭން ވަނީ ފަށައިފައެވެ.